އެގޮތުން ޝާހްރުކް ޚާނާއި އާލިއާ ބަޓްގެ "ޑިއާ ޒިންދަގީ" އަށް ވެސް މައްސަލަތަކެއް ކުރިމަތިވި އެވެ. އެއީ އެ ފިލްމުގައި މުހިއްމު ރޯލެއް ޕާކިސްތާނުގެ އެކްޓަރު އަލީ ޒަފަރް އަދާކުރާތީ އެވެ.
އެ ފިލްމުގެ ބައެއް މަންޒަރުތައް އަލީ ކުޅެފައި ވިޔަސް މިހާރު އޭނާ ވަނީ ފިލްމުން ވަކިކޮށް އޭނާ ކުޅެފައިވާ ބައިތައް ވެސް ފޮހެލައިފަ އެވެ. އަލީގެ ގޮތުގައި މިހާރު އެ ރޯލަށް ތާހިރް ބަސީން ވަނީ ހަމަޖައްސަފަ އެވެ. ތާހިރު އަކީ ރާނީ މުކަރުޖީގެ "މަރްދާނީ"ގައި އޭނާގެ އެންމެ ބޮޑު ވާދަވެރިޔާގެ ރޯލު ކުޅުނު އެކްޓަރެވެ.
ފިލްމު ޔުނިޓުގެ މީހަކު ބުނެފައިވާ ގޮތުގައި ދާދިފަހުން ތާހިރު ވަނީ ފިލްމު ޔުނިޓާ ގުޅިފަ އެވެ. އަދި އާލިއާ އާއި ތާހިރުގެ ނެށުމެއް ހިމެނޭ ލަވައެއް ވެސް ޝޫޓުކޮށްފައިވާ ކަމަށް އެމީހާ ބުންޏެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ހޫނުވުމުގައި ޕާކިސްތާނުގެ އެކްޓަރުންގެ އެއްވެސް ދައުރެއް ނެތް ނަމަވެސް އެމީހުންނަކީ ޕާކިސްތާނު ރައްޔިތުންނަށް ވީތީ އޭގެ ބަދަލު އަދާކުރަން ވަނީ ޖެހިފަ އެވެ.
"ޑިއާ ޒިންދަގީ" ގައި އާލިއާ ބަޓްގެ ހަތަރު ލޯބިވެރިން އުޅެ އެވެ. އަލީ ޒަފަރް ކުޅުނީ މިތަނުން އެއް ލޯބިވެރިއެއްގެ ބައެވެ. މިހާރު އެ ރޯލު ވަނީ ތާހިރު ލައްވާ އަލުން ކުޅުވާފަ އެވެ. ޝާހްރުކް ޚާން މި ފިލްމުގައި ކުޅެނީ އާލިއާ އަށް ލޯބީގެ ރޮނގުން އިރުޝާދު ދޭ މީހެއްގެ ބައެވެ.
އަލީ ޒަފަރްގެ ރޯލު އެހެން އެކްޓަރެއް ލައްވާ ކުޅުވާފައިމިވަނީ ފިލްމު ރިލީޒްކުރަން މަހަކަށް ވުރެ ވެސް މަދު ދުވަސްކޮޅެއް އޮއްވަ އެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ ނޮވެމްބަރު 25 ވަނަ ދުވަހު އެވެ.

No comments:
Post a Comment