އަމީތާބު ބައްޗަންގެ އާއިލާ އާއި ޑައިރެކްޓަރު ކަރަން ޖޯހަރް އަކީ ކުރިން ވަރަށް ގާތް ގުޅުމެއް އޮންނަ ބައެކެވެ. ނަމަވެސް އެ އާއިލާގެ ޅީދަރިފުޅު އައިޝްވަރިޔާ ރާއީ ލައްވާ "އޭ ދިލް ހެ މުޝްކިލް" ކުޅުވިފަހުން ކަރަން އާއި ބައްޗަން އާއިލާގެ ގުޅުން ވަނީ ވަރަށް ގޯސްވެފަ އެވެ.އައިޝްވަރިޔާ ލައްވާ އިތުރު ފިލްމެއް ކުޅުވަން ކަރަން ތައްޔާރުވަމުން ދިޔަ ނަމަވެސް ކަރަން އާއި އެ އާއިލާގެ ގުޅުން މިހާރު އޮތީ ދުވަހަކުވެސް ނުވާ ވަރަށް ގޯސްވެފަ އެވެ. ސަބަބަކީ އައިޝްވަރިޔާ އާއި ރަންބީރު ކަޕޫރު ލައްވާ ކަރަން އޭނާގެ ފިލްމުގައި ކުޅުވާފައިވާ ގައިގޯޅި މަންޒަރުތަކެވެ.
އާއިލާގެ ގާތް މީހަކު މީޑިއާ އަށް ކިޔައިދީފައިވާ ގޮތުގައި ބައްޗަން އާއިލާގެ އެއްވެސް މީހަކު އައިޝްވަރިޔާގެ ފިރިމީހާ އަބީޝެކް ބައްޗަން ވެސް ހިމެނޭ ގޮތަށް "އޭ ދިލް ހެ މުޝްކިލް" ބަލާކަށް ނުދެ އެވެ. ބޮލީވުޑްގެ ފަންނާނުންނަށް ޚާއްސަކޮށްގެން ކަރަން ދެ ޝޯއެއް ބާއްވައި އެތައް ފަހަރަކު އަމީތާބަށާއި އާއިލާއަށް ދައުވަތު ދިން ނަމަވެސް އެއްވެސް މީހަކު ފިލްމު ބަލާކަށް ނުދެ އެވެ.
ކަރަން އަކީ ބައްޗަން އާއިލާގެ، ޚާއްސަކޮށް އަމީތާބުގެ އަންހެން ދަރިފުޅު ޝްވޭތާގެ ވަރަށް ގާތް ރައްޓެއްސެއް ނަމަވެސް މިހާރު އެ އެންމެންވެސް ތިބެނީ ކަރަން އަށް މޫނު ހަދާފައި ކަމަށްވެ އެވެ.
ކަރަން ޖޯހަރް: ރީތި ފިލްމުތަކެއް އުފައްދާފައިވާ މޮޅު ޑައިރެކްޓަރެއް
ބައްޗަން އާއިލާ ރުޅިއައީ ހަމައެކަނި ފިލްމުގައި އައިޝްވަރިޔާ ލައްވާ ކުޅުވާފައިވާ ގައިގޯޅި މަންޒަރުތަކުން އެކަންޏެއް ނޫނެވެ. އޭގެ ފަހުން ފިލްމްފެއާ މެގަޒިން އަށް ވެސް ހަމަ އެފަދަ ފޮޓޯޝޫޓެއް ކަރަން މެދުވެރިވެގެން ނަގާފައިވުމާއި އައިޝްވަރިޔާއާ އެކު ނަގާފައިވާ މަންޒަރުތަކާ ބެހޭ ގޮތުން ރަންބީރު ދެއްކި ވާހަކަތަކުން އަދި ވަކިން އެމީހުން ވަނީ ރުޅިގަދަވެފަ އެވެ.
އާއިލާގެ ގާތްމީހަކު ބުނީ ވަރަށް ގިނަ ފިލްމުތައް ރިލީޒްކުރުމާ ދިމާކޮށް އަމީތާބު އެކި ކަހަލަ މެސެޖުތައް ޓުވީޓުކޮށް ހަދާ ނަމަވެސް "އޭ ދިލް ހެ މުޝްކިލް" އާ ބެހޭ ގޮތުން އެންމެ ޓުވީޓެއް ވެސް ނުކުރާ ކަމަށެވެ.
ކަރަން ވަނީ ބައްޗަން އާއިލާގެ އެންމެ އިސް ހަތަރު މީހުން ކަމަށްވާ އަމީތާބު، ޖާޔާ، އަބީޝެކް އަދި އައިޝްވަރިޔާ އާއެކު ވެސް ފިލްމީ މަސައްކަތްތައް ކޮށްފަ އެވެ. ކަރަންގެ "ކަބީ ޚުޝީ ކަބީ ޣަމް"ގައި އަމީތާބާއި ޖާޔާ މުހިއްމު ރޯލެއް ކުޅުނުއިރު "ކަބީ އަލްވިދަނާ ކެހެނާ"ގައި އަބީޝެކް ލީޑް ރޯލެއް އަދާކުރި އެވެ. ނަމަވެސް މިހާރު ބެލެވޭ ގޮތުން ބައްޗަން އާއިލާ އާ ކަރަން އާ އޮތް ގާތް ގުޅުން ވަނީ މުޅިން ކެނޑިފަ އެވެ.’

No comments:
Post a Comment