އެއްދުވަހަކު މީސްތަކުންނަށް ފެނުނީ ރަސޫލާصلى الله عليه وسلم ވަރަށް ބޮޑަށް ދެރަފުޅުވެފައި ހުންނަވަނިކޮށެވެ.
އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. " އޭނާއަށް ލަޢުނަތް ހުއްޓެވެ! އޭނަގެ މޫނު ވެއްޔާ މޮޑެވިދާށިއެވެ!"
އަނެއްކާވެސް ހަދީޘް ކުރެއްވިއެވެ. " އޭނާއަށް ލަޢުނަތް ހުއްޓެވެ! އޭނަގެ މޫނު ވެއްޔާ މޮޑެވިދާށިއެވެ!"
އިތުރު އެކަލޭގެފާނުގެ ދޫފުޅުން މިފަދަ ބަސްފުޅުތަކެއް އިވިވަޑައިގަތީމާ އަޞްޙާބު ބޭކަލުންނަށް ވަރަށް ބޮޑު ޙައިރާންކަމެއް ލިބިވަޑައިގަތެވެ.
އެބޭކަލުން ސުވާލު ދެންނެވިއެވެ. " އޭ ﷲގެ ރަސޫލާއެވެ! ތިޔަ ޚަބަރު ކުރައްވަނީ ކާކުގެ ވާހަކައިންތޯއެވެ؟ "އަނެއްކާވެސް ހަދީޘް ކުރެއްވިއެވެ. " އޭނާއަށް ލަޢުނަތް ހުއްޓެވެ! އޭނަގެ މޫނު ވެއްޔާ މޮޑެވިދާށިއެވެ!"
އަސްޙާބުބޭކަލުންގެ ހައިރާންކަން އިތުރުވެއްޖެއެވެ. ރަސޫލާ صلى الله عليه وسلم ގެ ދޫފުޅުން މިފަދަ ބަދު ދުޢާފުޅެއް ކުރެއވުމަކީ އާދައިގެ ކަމެއް ނޫނެވެ. އެހަދީޘް ކުރައްވާ މީހެއްގެ ކުށަކީ ކޮބައިކަމެއް އެބޭކަލުންނަކަށް އެނގިވަޑައެއް ނުގަންނަވައެވެ.އަސްޙާބުބޭކަލުން ސުވާލު ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު އެހެން ހަދީޘް ކުރައްވަނީ ކީއްވެގެންތޯއެވެ؟ ތިޔަހައި ނިކަމެތި ދުޢާފުޅެއް ކުރައްވަން ކަލޭގެފާނަށް ޖެއްސި ނުބައި މީހަކީ ކާކުތޯއެވެ؟"
ރަސޫލާ صلى الله عليه وسلم އެބޭކަލުންނާ ދިމާއަށް ބައްލަވާލައްވާފައި ޙަދީޘް ކުރެއްވިއެވެ. " ލަޢުނަތް ލައްވާތޯ ތިމަންކަލޭގެފާނު މި ދުޢާ ކުރައްވާ މީހަކީ ވަރަށް ނަޞީބުދެރަ މީހެކެވެ. އެމީހަކީ އެމީހެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ އެދެމީހުން މުސްކުޅިވެ އެމީހެއްގެ އެހީ އާއި ލޯތްބަށް ބޭނުންވާ ދުވަހު، އެމީހަކަށް ސުވަރުގެ ލިބުން އޮތީ އެދެމީހުންނަށް ޚިދުމަތް ކުރީމަކަން ނޭނގުނު މީހާއެވެ. އެއީ ކޮންފަދަ ފަސޭހަކަމެއް ހެއްޔެވެ؟" އިތުރު އެކަލޭގެފާނު މާނޭވާފުޅެއް ލެއްވުމަށް ފަހު އަނެއްކާވެސް ހަދީޘް ކުރެއްވިއެވެ. " އެކަމަކު އެމީހަކަށް އެކަމެއް ނުވިސްނެއެވެ. އެމީހަކު ކުރަންޖެހޭހާވެސް ކަމަކީ ﷲއަށް ކިޔަމަންތެރިވެ ބޯ ލެނބުމާއެކު އެމީހެއްގެ މުސްކުޅި މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. އެފަދަ މީހަކަށްޓަކައި ސުވަރުގެއަށް ދާން އޮތްމަގު އެއޮތީ ހާމައަށް ހުޅުވިފައެވެ. " ރަސޫލު صلى الله عليه وسلم ގެ ހިތާމަފުޅުގެ ސަބަބުން އަޞްޙާބު ބޭކަލުންނަށް ވިސްނިވަޑައިގަތީ ދެނެވެ.
ސުވަރުގެ ހާސިލް ކުރަން މިހާ ފަސޭހަ ގޮތެއް އޮވެފައި އެފުރުސަތުގެ ބޭނުން ނުކުރާ މީހަކުވާނީ ހަމަ ޙަޤީޤަތުގައިވެސް ވަރަށް ނަޞީބު ދެރަ މީހަކަށެވެ.

No comments:
Post a Comment