މޭވާއާއި ތަރުކާރީ އާދަކޮށް ކެއުމަކީ ޚަރަދު ބޮޑު ކަމެކެވެ. އަދި ޚާއްސަކޮށް، ގަނެގެން ގެނެސްފައި ހުންނަ ކާނާ ރައްކާކޮށްފައި ބެހެއްޓުމުން ގިނަ ދުވަސް ނުވެ ހަލާކުވާތީ އެ ޚަރަދު އަދި އިތުރުވެގެން ދެއެވެ. ކުޑަކުޑަ ކަރުދާސް ގަނޑަކުން މި ކަމަށް ހައްލެއް ލިބިދާނެ ކަމަށް ކުރިން މީހުން ހިއެއް ނުކުރާނެއެވެ. ނަމަވެސް، ކަވީޓާ ޝުކްލާ ކިޔާ އަންހެނަކު، އޭނާގެ އަމިއްލަ ތަޖުރިބާއާއި ދިރާސާއިން އީޖާދުކޮށް، ފްރެޝްޕޭޕާ ގެ ނަމުގައި ބާޒާރަށް ނެރުނު އުފެއްދުމަކީ އެކަމަށް ހައްލެކެވެ.
ފްރެޝްޕޭޕާއަކީ ކެއްކުމުގައި ބޭނުންކުރާ ހަވާދާއި ފަތްޕިލާވެލީގެ ބާވަތްތަކެއް ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ ކަރުދާސް ގަނޑެކެވެ. މި އުފެއްދުން ބޭނުން ކުރުމަށްޓަކައި، މޭވާ ނުވަތަ ތަރުކާރީ ބަހައްޓާފައި ހުންނަ އެއްޗެއްގެ ތެރެއަށް އެ ކަރުދާސްގަނޑު ލާފައި ބޭއްވުމުން ކާބޯތަކެތި ނުބައިނުވެ ހުންނަ މުއްދަތު 2 ގުނަ އާއި 4 ގުނައާއި ދެމެދުގެ މިންވަރަކަށް ދިގުވެގެންދާކަމަށް މި އުފެއްދުން ބޭނުންކުރާ މީހުންގެ ބަހުން އެނގެއެވެ.
މި އުފެއްދުން ބޭނުން ކުރުމުން ކާބޯތަކެތި ހަލާކު ނުވެ ގިނައިރު ހުންނަނީ ފްރެޝްޕޭޕާ އުފެއްދުމުގައި ބޭނުން ކޮށްފައިވާ މާއްދާތަކުގެ ސަބަބުން ބެކްޓީރިއާއާއި ފަންގަސް އާލާވުން ހުއްޓުވާލާތީ ކަމަށް ކަވީޓާ ބުނެއެވެ.
މިހާރު ބާޒާރުގައި މީގެ ކަރުދާސް ގަނޑެއް ގަންނަން ލިބެން ހުރީ 10 ޑޮލަރަށެވެ. މިއީ ގޭގޭގައި ބޭނުން ކުރުމުގެ އިތުރުން ދަނޑުވެރިންނާއި ވިޔަފާރިވެރިންނަށް ވެސް ވަރަށް ބޭނުންތެރި އެއްޗެކެވެ. އެއް ކަރުދާސްގަނޑުން ތަރުކާރީ ގޯންޏަކަށް ފުދެއެވެ. ބޭނުންކުރާ ފަރާތްތަކުގެ ވާހަކަތަކަށް ބަލާއިރު 4 ހަފްތާ ވަރު ވެސް އެއް ކަރުދާސް ގަނޑުން ބޭނުން ކުރެވެއެވެ.
އާދަޔާ ޚިލާފް މި އުފެއްދުން އީޖާދުކުރި ޒުވާނާގެ ވާހަކަ އޭނާ ކިޔައިދެމުން ބުނެފައިވަނީ މި އުފެއްދުމުގެ ޚިޔާލަކީ އޭނާގެ އާއިލާ ގާތަށް އިންޑިޔާއަށް ކުރި ދަތުރެއްގައި ނުސާފު ފެނެއް ބޮވުމުން ސިއްހަތަށް ގެއްލުން ވެދާނެތީ އޭނާގެ މާމަ ތައްޔާރުކޮށްދިން ބުއިމެއްގެ ނަތީޖާފެނި އެބުއިމުގެ ހަގީގަތް ހޯދަން ކުރި މަސައްކަތުގެ ތެރެއިން އައި ޚިޔާލެއްކަމަށެވެ.

No comments:
Post a Comment