ޒީރާ


Image result for sunset"ބޮޑުމީހާ ބުނާ ގޮތް ހަދާތި! މި ހުރިހާ ގަހަނާއަކާ ފައިސާއެއް ދިނީ އޭނާއޭ!" ޒީލާގެ ކަރުގައި އޮތް، އަގުބޮޑު ރަންފަށުގައި އަތްލާފައި އަހަރެންގެ ބޮޑުދައިތަ ބުންޏެވެ. އެއީ ބައްޕަ ފަރާތު ބޮޑުދައިތައެކެވެ. ޒީލާއަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތައެވެ. "ކަލޭ ހިނގާ ދާން! އެ ދެމީހުން އެކަނި ބައިތިއްބާ! ކަލޭގެ ދުވަސް ވެސް އަދި އަންނާނެ" އަހަރެންގެ ކޮނޑުގައި ހިފައި ކޮއްޕާލަމުން ބޮޑުދައިތަ ބުންޏެވެ. 


އޭރު އަހަރެންގެ އުމުރުން އެންމެ 8 އަހަރެވެ. އަހަރެން ބޭރު ގޮނޑީގައި އިނީ މަންމަގެ އިންތިޒާރުގައެވެ. މަންމަ ވީ ކައިރި ރަށަކަށް ގޮހެވެ. މަންމައަކީ މޮޅު ބޭސްވެރިއެކެވެ. ބައްޕައާއި ބޮޑުދައިތަ ތިބީ އަށިމަތީގައި، އެބުނާ "ބޮޑުމީހާ" ދިން ގަހަނާއާއި ފައިސާތައް ގުނާށެވެ. އަހަރެން އެހެން އިނދެ ނިދުނުއިރުވެސް މަންމަ ނާދެއެވެ. ބައްޕަމެންވެސް ނިދައިފިއެވެ. ދައްތަ، ޒީލާ ވީ އެ މީހާއާއެކު ކޮޓަރީގައެވެ.

އިރުއަރައިފިއެވެ. އަހަރެންނަށް ހޭލެވުނީ މަންމަ ހަޅޭއްލަވާ އަޑަށެވެ. "ކަލޭ ކީއްކުރީ މަގޭ ދަރިޔަށް؟ އޭނ! ކީއްހޭ ކުރީ؟" މަންމަ އެމީހާގެ ގަމީހުގައި ހިފައި ހަޅޭއްލަވަނީއެވެ. އެއަޑަށް ބައްޕައާއި ބޮޑުދައިތަ ވެސް ނުކުތެވެ. ބައްޕަ، މަންމަގެ އަތުގައި ހިފައި ބިންމައްޗަށް ވައްޓާލިއެވެ. ބޮޑުދައިތަ އެމީހާގެ ގައިން ވެލިފޮޅާލަދީ މައާފަށް އެދުނެވެ. ރުޅިގަދަވެގެން ހުރެ އެމީހާ ނުކުމެގެން ދިޔައެވެ. 

"ކަލޭ ކިހިނެތް ވެގެންތަ ތި އުޅެނީ؟ މައިތިރި ވެބަލަ!" މަންމަގެ މޫނުމަތީ ހޫނު އެތިފަހަރެއް ވިހެލުމަށްފަހު ބައްޕަ ބުންޏެވެ. "އެ މަންޖެ އެކަމަށް ގަބޫލުވާއިރު ކަލެއަށް ކޮންކަމެއްތަ؟ ކަލެއަކަށް މިކަހަލަ ކަންތަކެއް ނޭނގޭނެ. މަގޭ ކުރާ ކަންތަކާ ނުބެހި ހުރިއްޔާ ކަލެއަށް ވެސް ރަނގަޅުވާނީ"

"މަންމާ! ތީ ދެން ކޮންކަމެއްތަ؟" ދެން ވާހަކަދެއްކީ ދައްތައެވެ. "ބަލާބަލަ މިހިރަ ރީތި ތަނޑިތަކެއް. ބަލާ، މިއޮތީ ކަރުގަ ރީތި ފަށެއްވެސް. މިހުރީ ފައިސާވެސް. ކޮންއެއްޗެއްތަ ނުލިބެނީ؟ ހުއްޓާލަބަލަ ތި ކުޅިގަނޑު" އަހަރެންގެ ދައްތަ މިހެންބުނީ އަތުގައިއޮތް ތަނޑިތަކާއި ސިޓީއުރައެއްގައި ހުރި ފައިސާތައް ދައްކާލަމުންނެވެ. ކުޅިގަނޑެއް ކުޅެވެނީ ޚުދު އޭނާއަށް ކަން ވެސް ދައްތައަށް ވަނީ އޮޅިފައެވެ. މަންމަ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މަންމަގެ ހެދުމުގެ ފަސްބައިގައި ހިފައިގެން ހުރެ އަހަރެން ރުއީމެވެ. 

ދައްތައާއި ބައްޕަ އަދި ބޮޑުދައިތަވެސް ގޭތެރެއަށް ވަނެވެ. މަންމަ ރޯން ހުރީއެވެ. "މަންމަ ދަރިފުޅުގެ ހަޔާތް އެހެން ބަރުބާދުވިޔަކަ ނުދޭނަން. ދަރިފުޅަށް ކިޔަވައިދީ މޮޅުމީހަކަށް ހަދާނަން. މަންމަ ދަރިފުޅަށް ވައުދެއް މި ވަނީ!" އަސަރާއެކު މަންމަ ބުންޏެވެ. 

މިއަދު ވީކަންތަކަމާމެދު ވިސްނަން އަހަރެން އޮތީމެވެ. ނުނިދިފައެވެ. ނިތްކުރިމަތީ އަތް ބާއްވާލައިގެން އޮއްވާ ކައިރިން މީހަކު ހިނގާއަޑު އިވެންފެށިއެވެ. އަވަހަށް ދެލޯ މެރީމެވެ. ނިދާކަމަށް ހަދައިގެން އޮތީމެވެ. 

"ޒީރާ! ދަރިފުޅާ! ޝޫ.. ޝޫ... ތެދުވެބަލަ މަޑުމަޑުން" އަހަރެން ލޯ ހުޅުވާލުމުން މަންމަ ބުންޏެވެ. "އާދެބަލަ ބޭރަށް!"

"ކިހިނެތްވީ މަންމާ؟ އަހަރެން ހާސްވެފައި އެހީމެވެ. ނަމަވެސް ޖަވާބެއް ނުދީ މަންމަ އެދުނީ މާގިނަ ވާހަކަ ނުދައްކައި މަންމައާއެކު ދިޔުމަށެވެ. އަހަރެމެން ދެމައިން ގޮސް އެރީ ފުރަން ތައްޔާރުވެފައިއޮތް ބޯޓަކަށެވެ. އޭރު މެންދަމުން އަލިވެ 3 ޖަހަނީއެވެ. "މަންމާ، ކޮންތާކަށް؟ ދެންވެސް ޖަވާބެއް ނުދީ މަންމަ އަހަރެންގެ އަންގަމަތީއަތްއެޅިއެވެ. ބޯޓު ފުރީ ބައިގަޑިއިރެއްހާއިރު ފަހުންނެވެ. 

އަހަރެމެން އައީ މާލެއަށެވެ. އެ ނުރައްކާތެރި ޖަލުން މަންމަ އަހަރެން ސަލާމަތްކުރީއެވެ. މަންމަ އުޅުނީ މަސައްކަތު މީހެއްގެ ގޮތުގައި މުއްސަނދި ދެމަފިރިއެއްގެ ގޭގައެވެ. އަހަރެން ސްކޫލަށް ލައިގެން ކިޔަވާވެސްދެއެވެ. އެ ދެމަފިރިންވެސް އުޅެނީ ވަޒީފާގައި ކަމުން ގިނަވަގުތު އުޅެނީ ބޭރުގައެވެ. އަހަރެމެންގެ ދެމައިންނަށް އެދެމަފިރިން ނުލާހިކު ރަނގަޅެވެ. ހިތްހެވެ. އަހަރެން ވަރަށް އުފާވެއެވެ. 

އަހަރެންގެ އުމުރުން 16 އަހަރުފުރުނު ދުވަހެވެ. މެންދުރުގެ ވަގުތެވެ. ގޭގައި އުޅުނީ މަންމައާއި އަހަރެންނެވެ. ކުއްލިއަކަށް މީހަކު ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. މަންމަ ގޮސް ދޮރު ހުޅުވިއެވެ. އަހަރެންގެ މުޅިގައިން ހީބިހި ނަގައިގެންދިޔައެވެ. ބިރުން ގޮސް ހުރެވުނުތަންވެސް އޮޅުނެވެ. 

"ކޮބާތަ މަގޭ ދަރި؟ މިހާރު އެމަންޖެ ހުންނާނީ ބޮޑުވެފައެއްނު. " ނުލަފާގޮތަކަށް ހެމުން ބައްޕަ އެހިއެވެ. "ނެރެބަލަ މަށަށް ދައްކާލަން"

"އޭތް، ޚަބަރުދާރު! ކަލޭގެ ދަރިއެއް މިގެއަކު ނޫޅޭނެ. މަގޭ ދަރިއާދިމާއަށް ކަލޭ ބަލާލިޔަސް ކަލޭގެ ދެލޯ ކޮނެލާނަން. ހަނދާންކުރާތި! ނިމުނީ އެމަންޖެ ފެންނަ ހިސާބަށް.." މަންމައަށް ބުނެވުނީ އެހިސާބަށެވެ. ދެން ދޮރުޖެހިއެވެ. ދެންވެސް ބައްޕަ ބޭރުގައި ހުރެގެން އެއްޗިހިކިއެވެ. އަހަރެން ގެންދާނަމޭ ބުނެ، އަދި އަހަރެމެން ފިލި އިރުން ފެށިގެން ފާރަލަމުން އަންނަ ކަމަށް ބުންޏެވެ. އަހަރެން ހުރީ މޭގަނޑު އަނގައަށް އަންނަވަރުވެފައެވެ. 

އޭގެ ދެ ދުވަސް ފަހެވެ. އަހަރެން ގެއަށް އައިއިރު ބައްޕަ ބޭރުގައި ހުއްޓެވެ. އަޅައިވެސް ނުލާ އަހަރެން ގެއަށް ވަނީމެވެ. މުޅި ގޭތެރޭގައި ވަނީ މީހުން ތޮއްޖެހިފައެވެ. މީހުންގެ ތެރެއިން ފުރޭނިގެން އަހަރެން އެތެރެއަށް ވަނީމެވެ. ކުރިމަތިން ފެނުނު މަންޒަރުން އަހަރެންގެ މޫނުމަތީގައި އަތްއެޅުނެވެ. "މަންމާ!! " އަހަންނަށް ހަޅޭއްލަވަވައިގަނެވުނެވެ. ބޮޑެތި ޒަޚަމްތަކަކާއިއެކު ހުދު ފޮތިގަނޑެއްގެ މަތީގައި އޮތީ އަހަރެންގެ މަންމައެވެ. "ކިހިނެތްވީ އަހަރެންގެ މަންމައަށް؟ މަންމާ! ތެދުވެބަލަ!"

"އެކޮއެގެ މަންމަ މިއަދު ބާޒާރުން އަންނަނިކޮށް ކާރެއްގައި ޖެހި ޒަޚަމްވީ. އަދި މިދުނިޔެއާ.." އެގޭ އަންހެންމީހާ ކިޔައިދިނެވެ.

"ނޫން. ނޫން. މަންމާ!" އަހަރެން ރޮއިރޮއިފާ އަހަރެން މަންމައަށް ގޮވީމެވެ. 
"ދަރިފުޅާ ދެން ނުރޮއެ. ތަޤުދީރެއް ބަދަލެއް ނުކުރެވޭނެއްނު!" ކުއްލިއަކަށް ފަހަތުން އިވުނު އަޑަށް އެންމެން ފަހަތަށް ބަލައިލިއެވެ. އެއީ އަހަރެންގެ ނުބައި ނުލަފާ ބައްޕައެވެ. 

"ތީ ކާކު؟" ގޭތެރެއިން މީހަކު ސުވާލުކުރިއެވެ.

"މިއީ ޒީރާގެ ބައްޕަ." އޭނާ އަވަސްއްވަހަށް ބުންޏެވެ. 

"ޒީރާގެ ދެމައިން ދުވަހަކުވެސް ކަލޭގެ ވާހަކަ ދައްކާފައެއް ނެތް. މިހާ ގިނަ ދުވަސް ވީއިރު ކަލޭގެ ޚަބަރެއް ދަބަރެއް ނުވެ އުޅުމަށްފަހު މިއަދު .." އޭނާ އަށް މިހާ ހިސާބަށް ބުނެވުނުތަނާ ބައްޕަ ވާހަކަ ދައްކަން ފެށިއެވެ.

"އާނ. އެ ވީގޮތަކީ، އަހަންނަކީ ބޯޓު ދަތުރުކުރާ މީހެއް. އަހަރެންނަށް މި ދެމައިން ދެކެލަން އާދެވެނީ ވަރަށް މަދުން. އެކަމާ ރުޅިއައިސް ޒުވާބުކޮށްފަ އައިސް އެ އުޅެނީ." މިހެން ކިޔައި އަހަރެންގެ ބޮލުގައި ފިރުމާލިއެވެ.

އަދި އަހަރެން ގާތު އިށީނދެފައި މަޑުމަޑުން ކަންފަތްދޮށުގައި ބުންޏެވެ. "ކަލޭ މަށާއެކުގައި ނުގޮސްފި ނަމަ މަންމައަށް ހަދާލިގޮތް ކަލެއަށް ވެސް ހަދާލާނީ" އަހަރެންގެ މުޅި ހަށިގަނޑުން ވާގިދޫވި ކަހަލައެވެ، މުޅި މީހާ ބިރުން ތުރުތުރުއަޅަންފެށިއެވެ.

މަންމަގެ ކަށުކަމާކެމީގެ ކަންތައް ނިންމާލުމަށްފަހު ރަށަށް ދާން ފުރީ އެދުވަހުގެ ހަވީރެވެ. ރަށަށް އައިސް ބައްޕަ އަހަންނަށް ވަރަށް އަނިޔާކުރިއެވެ. ބޮޑުދައިތައަށް އެވަގުތު އާދެވުނެވެ. 

"އޭތް، އޭތް! ކަލޭ މޮޔަވީތަ؟ އެގޮއްޔެ ދޫކޮށްލަބަލަ! މި ޒަޚަމްތައް ފެނިފައި ކާކުތަ މީނަ ގާތަށް އަންނާނީ؟ ދުފަމުން ހުރެ ބޮޑުދައިތަ އަހަރެންގެ ނިތްކުރިން ލޭއަންނަ ތަނުގައި އިނގިލި ހާކާލަމުން ބުންޏެވެ

އަހަރެންގެ ޒަޚަމްތަކުގައި ބޭސްއަޅައިދިނުމަށްފަހު ބޮޑުދައިތަ ދިޔައެވެ. އެވަގުތު ދައްތަ އައެވެ. "ކާކު ތީ؟" ދައްތަ އެހިއެވެ. އަހަރެން ގޮސް ދައްތަ ގައިގާ ބައްދާލައި ރޯންފެށީމެވެ. "ޒީރާ!" ދައްތަ ހައިރާންވެފައި ބުންޏެވެ. "ކޮބާ މަންމަ؟" 
"މަންމަ މަރާލައިފި. ބައްޕަ އެކަންކުރީ." ދަތްކުނޑި ވިކިފައިހުރެ އަހަރެން ބުނީމެވެ. 

"އާނ. މިހާރު އެނގިއްޖެ. ކަލެއަށް ސޯޅަ އަހަރު ވީމާ ދޯ އެ ގެނައީ. އެކަމަކު ހާސް ނުވޭ. އަހަރެންނަށް ވީ އެއްވެސް ކަމެއް ކަލެއަކަށް ވިއަކަ ނުދޭނަން. އަހަރެން ކަލޭ މިތަނުން ސަލާމަތްކުރާނަން. އަހަރެން ވެސް އޭރު ޅަކަމުން އެއްޗެއް ނޭނގުނީ. އެކަމަކު މިހާރު ލަދުގަނޭ. ދެރަވޭ" މިހެން ކިޔައި އަހަރެން ގައިގާ ބައްދާލިއެވެ.

އާ ދުވަހަކަށް އިރުއެރިއެވެ. ބައްޕައާއި ބޮޑުދައިތަ އަހަރެންގެ ޒަޚަމްތައް ފަސޭހަ ނުވެގެން އެވާހަކަ ދައްކަނީއެވެ. 
"އަދި ހަފްތާއެއްވަރު ނަގާނެ އެތަންތަން ރަނގަޅުވާން. ކަލޭ ކީއްކުރަންތަ އެހާވަރު ކޮށްލީ އެމަންޖެއަށް؟" ބޮޑުދައިތަ ބުނި އަޑު އިވުނެވެ. 

"ދެން ހެވޭ. ތިވާހަކަ ބާއްވާ. ހިނގާބަލަ މަށާއެކު ބައެއް އެއްޗެހި ގަންނަން. މަ އެކަނި ނުގެނެވޭނެ ހުރިހާ އެއްޗެއް" ބިލެއްގަނޑެއް އަނގަޔަށް ލަމުން ބައްޕަ ބުންޏެވެ. 

އެމީހުން ނުކުމެގެން ދިޔަތަނާ ދައްތަ އައެވެ. "އަނ. މިއޮތީ ލާރި. ކުޑަ އިރުކޮޅެއްގެތެރޭ އެބޯޓު ފުރާނެ. ދެވަނަ އަށް ޖައްސާނީ ދައްތަ ބުނި ރަށަށް. އެރަށަށް ގޮސް.. މި ގަނޑުކޮޅުގަ މިއޮތް އެޑްރެހަށް ދޭ. އަހަރެން ހުރިހާ ކަމެއް ހަމަޖައްސައިފިން. ދޭ އަވަހަށް، އެމީހުން އަތުވެދާނެ" އަހަރެންގެ އަތަށް އެއްހާސް ރުފިޔާއާއި ފަތްޖަހާފައިވާ ގަނޑުކޮޅެއް ދީފައި ދައްތަ ބުންޏެވެ. 
"ނޫން، ނޫން. ދައްތަވެސް ހިނގާ އަހަރެންނާ އެކީ. އަހަރެން ވަރަށް ބިރުގަނޭ. އެމީހުން އަހަރެން ގެއްލިގެން ޕޮލިހުންނަށް ރިޕޯޓްކޮށްފިއްޔާޔޯ؟ އޭރުން އަނެއްކާވެސް އެމީހުންގެ....."

"އެމީހުން ނުކުރާނެ ރިޕޯޓެއް. އެއީ އެމީހުންގެ ސިއްރު ފަޅާއަރާފާނެތީ. ދެން ދޭ، އަވަސްކުރޭ!" އަހަރެންގައިގައި ފިރުމާލާފައި ދައްތަ ބުންޏެވެ. 

އަހަރެން އަވަސް އަވަހަށް ދުވެފައި ގޮސް ބޯޓަށް އެރީމެވެ. އަހަރެން ހުރީ މޫނު ނިވާކޮށްގެންނެވެ. ބޯޓުގައި އިންއިރުވެސް އަހަރެން ވިސްނަމުން ދިޔައީ ދައްތައާއިމެދުއެވެ. އެމީހުން ދައްތައަށް ކުރާނެ އަނިޔާއާމެދުއެވެ.

ބޯޓު ދަތުރުކުރަމުން ގޮސް ފުރަތަމަ ރަށަށް ޖެއްސިއެވެ. އެރަށުން މީހުން އެރިއެވެ. އަހަރެންގެ ހިތްވަނީ އަވަސްވެފައެވެ. ބައިގަޑިއިރެއް ނުވެ ދެވަނަ ރަށަށް ޖެއްސިއެވެ. އަވަސް އަވަހަށް ބޯޓުން އެއްގަމަށް ފުންމާލީމެވެ. ރަށުތެރެއަށް ހިނގައިގަތީމެވެ. ދައްތަ ދިން ކަރުދާސްކޮޅުގައިވާ އެޑްރެސް ހޯދަން އެކި މީހުންގާތު އެހީމެވެ. ނަސީބު ގަދަކަމުން އެ ގެ ފެނުނެވެ. އަނިޔާވެރިކަމުން ސަލާމަތްވީކަމުގެ އިހުސާސް ކުރެވުނެވެ. ޖެހިލުންވެ ހުރެ އަހަރެން އެގެއަށް ވަނީމެވެ. އަހަރެން ކަހަލަ، އަނިޔާ ލިބެމުންދާ ކުދިންނަށް ހިޔާވަހިކަން ދޭ އެގެއައީ އަހަރެންގެ ހަޔާތަށް ލިބުނު އުންމީދެވެ. ބޮޑުމީހަކަށްވެ އަމިއްލަ ދިރިއުޅުމެއް ފެށެންދެން އެގެއިން އަހަންނަށް ހިމާޔަތް ލިބުނެވެ.  

(ނިމުނީ)



Kendhoo Live
Kendhoo Live

This is a short biography of the post author. Maecenas nec odio et ante tincidunt tempus donec vitae sapien ut libero venenatis faucibus nullam quis ante maecenas nec odio et ante tincidunt tempus donec.

No comments:

Post a Comment