ދިންނަވާނޭ މަގު

އަބޫޔަޒީދު ތުރުތުރު އަޅަނީއެވެ. އެއީ ވަރަށް ފިނި ރެއެކެވެ. އެންމެން ތިބީ ނިދާފައެވެ. އެއްވެސް އަޑެއްބަޑެއް ނީވެއެވެ. އަބޫޔަޒީދު ދަމު ނަމާދު ކުރަނީއެވެ. އެވަގުތު އިވުނީ އޭނަގެ މަންމަ ގޮވާލި އަޑެވެ. އަބޫޔަޒީދު މަންމަގެ ގާތަށް ހިނގައްޖެއެވެ.

 މަންމަ ބުންޏެވެ. " ދަރިފުޅާއެވެ. މަންމައަށް ބޯނޭ ފެންފޮދެއް ގެނެސްދޭށެވެ."

އަބޫޔަޒީދު ގޭގެ އެތަން މިތަން ހޯދާ ބަލައިފިއެވެ. އެއްވެސް ތަނަކުން ފެންފޮދެއް ނުފެނުނެވެ. ހުސް ޖަގެއް ފެނުނެވެ. އަދި ހުސް ހަމެއްވެސް ފެނުނެވެ. އެކަމަކު ފެންފޮދެއް ނެތެވެ.




އެޒަމާނުގައި ފެން ހޯދުމަކީ ވަރަށް ދަތި އުދަނގޫކަމެކެވެ. އެއީ މީގެ އެތައް ސަތޭކަ އަހަރެއއް ކުރިއެވެ. އެދުވަސްވަރު ފެންބަލާ ދާން ޖެހެނީ ދުރުގައި ހުންނަ ވަޅެއްގެ ކައިރިއަށެވެ. ނުވަތަ އެތައް މޭލެއްގެ ދުރުގައި  އޮންނަ ކޯރެއްގެ ކައިރިއަށެވެ.

ވުމާއެކު އަބޫޔަޒީދު ކޯރުގެ ކައިރިއަށް ފެންބަލާ ދާން ތައްޔާރުވާން ފަށައިފިއެވެ. ކޯރު އޮންނަނީ ވަރަށް ދުރުގައެވެ. ފިނި ރެއެކެވެ. އެހެންނަމަވެސް މަންމައަށް ފެންދޭން ބޭނުން ވާތީ ބޭރަށް ނުނުކުމެ ވާކަށް ނެތެވެެ. ބޭރަށް ނުކުންނަން ތައްޔާރުވެފައި ބަލާލިއިރު މަންމައަށް އޮތީ ނިދިފައެވެ.

އަބޫޔަޒީދުގެ ހިތަށް އެރިއެވެ. މަންމައަށް އެއޮތީ ނިދިފައެވެ. ނިދާފައި އޮވެގެން ފެނެއް ނުބޮވޭނެއެވެ. އެހެންވީމާ ފެން ހޯދަން ދިޔުން އިހަށް ހުއްޓާލާފައި ނަމާދުކުރާނީއެވެ.

މިހެން ހިތަށް އެރީމާ ހިސާބެއްގެ ނުތަނަވެސްކަމެއް ހިތަށް ވެރިވިއެވެ. ނިދާފައި އޮތަސް މަންމަ އެދުނުކަމެއް ނުކޮށް ހުއްޓާލުމަކީ ރަނަގަޅު ކަމެއް ނޫނެވެ. އަބޫޔަޒީދު އޭންގެ މަންމަދެކެ ވަރަށް ލޯބިވެއެވެ. މަންމައަށް ދަރާފައިވާ މިންވަރު އިޙްސާސް ކުރެވެއެވެ. އޭނައަށް ކިޔަވައިދޭން މަންމަ އުފުލި ބުރަ ހިތަށް ގެނެވެއެވެ. ބައްޕަ މަރުވުމަށްފަހު އޭނައަށް ފާގަތި މުސްތަޤުބަލެއް ހޯދައިދޭން މަންމަކުރި މަސައްކަތާއި، ދަތުރުކުރި ހިތާމަވެރި ވޭންދެނެވި ރާސްތާ ހަނދާނެއް ނުނެތެއެވެ.

އަބޫޔަޒީދުގެ ބައްޕަ ޢީސައަކީ އަލިފާނަށް އަޅުކަން ކުރި މީހެއްގެ ދަރިއެކެވެ. ޢީސާ އިސްލާމްދީނަށް ވަނުމަށްފަހު ވެގެން ދިޔައީ ތެދުވެރި ތަޤްވާވެރި މުޢުމިނަކަށެވެ. ޢީސާގެ ޢާއިލާ ދިރިއުޅުނިީ ޢިރާނުގެ އިރު އުތުރުން އޮންނަ ބިސްތާމްއޭ ކިޔުނު އަވަށެއްގައެވެ. ޢީސާ ވެފައިވަނީ އެއަވަށުގެ އެންމެން އިހުތިރާމް ކުރާ ޤަދަރުވެރިއަކަށެވެ. ބައްޕަ މަރުވިއިރު އަބޫޔަޒީދު ވަރަށް ޅައެވެ. އެހެން ނަމަވެސް އޭނަގެ ކިޔެވުމަށް އެއްވެސް ބުރުލެއް އެރިޔަނުދޭން މަންމަ އަޒުމް ކަނޑައެޅިއެވެ. އެކަމަށްޓަކައި އުފުއްލަން ޖެހުނު ކޮންމެ ބުރައެއް އުފުލަން ހިތްހަމަޖެހުމާއެކު އަތުކުރި އޮޅާލިއެވެ.


އެއްދުވަހަކު އަބޫޔަޒީދު މަދަރުސާއަށް ގޮސްފައި އެހެން ދުވަސް ދުވަހު އަންނަ ވަރަށްވުރެ މާ އަވަހަށް ގެއަށް އަތުވެއްޖެއެވެ. މަންމަ ވަރަށް ބޮޑަށް ހައިރާންވިއެވެ.

މަންމަ އަހާލިއެވެ. " ދަރިފުޅާއެވެ! މިއަދު މާ އަވަހަށް ގެއަށް އައީ ކީއްވެ ހެއްޔެވެ؟"

މަންމަ ވަރަށް ބޮޑަށް ކަންބޮޑުވެއްޖެއެވެ. ހިތަށް އެކި ބާވަތުގެ ޚިޔާލުތައް ވަންނަން ފަށައިފިއެވެ. ފަހަރެއްގައި މަދަރުސާއިން އިނާމެއް ލިބުނީ ކަމަށްވެސް ވެދާނެއެވެ. ދަރިފުޅު އެއައީ މަންމަ ގާތު އެ ވާހަކަ ބުނާށެވެ. އެހެން ނޫނީ މަދަރުސާގައި ކޮންމެވެސް ރަސްމިއްޔާތެއް އޮތީމާ ކުދިން އަވަހަށް ގެއަށް ފޮނުވާލީ ކަމަށްވެސް ވެދާނެއެވެ. އެހެންނޫނީ..... ދެރަކަމެއް މެދުވެރިވީބާއެވެ؟

ގެއަށް އައި ސަބަބު މަންމައަށް ކިޔައިދޭން އަބޫޔަޡިދު ޖެހިލުންވިއެވެ. އެއީ މަންމަގެ ފިކުރު ބޮޑުވާ ކަހަލަ ކަމެއް ކުރަން ބޭނުން ނުވާތީއެވެ.

އޭނާ ބުނެލިއެވެ. "އެއްވެސް ކަމެއް ނުވެއެވެ. މަދަރުސާގައި ވަކި ޚާއްސަކަމެއް އޮތީއެއްނޫނެވެ."

މަންމަ އަނެއްކާވެސް އަހާލިއެވެ. " އެއްވެސް ކަމެއްނުވެ ދަރިފުޅު މާ އަވަހަށް ގެއަށް އައީ ކީއްވެގެން ހެއްޔެވެ؟"

އަބޫޔަޒީދު ކިޔައިދޭން ފެށިއެވެ. "މިއަދު ކިޔަވައިދިނީ ކީރިތި ޤުރްއާނެވެ. ޤުރްޢާނުގައި ތިމަން ﷲ އަށާއި، ކަލޭގެ މައިންބައިންނަށް ޝުކުރުވެރިވާށޭ ވަޙީ ކުރައްވާފައި އޮތް އާޔަތް ކިޔާފައި އަޅުގަނޑަށް ވަރަށް ބޮޑަށް އަސަރު ކޮށްފިއެވެ. އެކަމަކު މި އާޔަތުގެ ފުރިހަމަ މާނަ އަޅުގަނޑަކަށް ނުވިސްނުނެވެ. މުދައްރިސާ ސުވާލު ކުރީމާ ދެއްވި ޖަވާބަކުން އަޅުގަނޑުގެ ހިތެއް ހަމައެއް ނުޖެހުނެވެ."

މަންމަ އަހާލިއެވެ. " ދަރިފުޅުގެ ހިތްހަމަނުޖެހުނީ ކީއްވެގެން ހެއްޔެވެ؟ "

އަބޫޔަޒީދު ބުންޏެވެ. " ހިތްހަމަ ނުޖެހިގެން މި އުޅެނީ އެއްފަހަރާ ﷲ އަށާއި، މަންމައަށާ ޝުކުރު އަދާ ކުރާނެ ގޮތެއް ނޭނގިގެންނެވެ. ދެކަންތައް އެއްފަހަރާ ކުރުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. މިކަމުގެ ހައްލަކަށް އަޅުގަނޑަށް ފެންނަނީ އެންމެ ގޮތެކެވެ. މަންމަ ﷲ އަށް ޢަޅުގަނޑު ދޫކޮށްލައްވާށެވެ. ނޫނީ ﷲ ގެ ޙަޟްރަތުން އަޅުގަނޑު ޙާޞިލް ކުރައްވާށެވެ. ދެފަރާތުގެ މިލްކަކަށް ވުމަކީ އަޅުގަނޑަށް ކުރެވޭނޭ ކަމެކޭ ހިއެއްނުވެއެވެ. އެހެންވީމާ ކޮންމެވެސް އެއްފަރާތެއްގެ މިލްކަކަށް މުޅިންވުން ނޫން ގޮތެއް ނެތެވެ. "

މަންމަ ހިނިތުންވެލާފައި އަބޫޔަޒީދުގެ ނިތްކުރީގައި ބޮސްދީފައި ބުނެލިއެވެ. " ދަރިފުޅާއެވެ. މަންމަ، ދަރިފުޅު ﷲ އާ ހަވާލުކޮށްފީމެވެ. ދާށެވެ! އެކަލާނގެއަށް ހިދުމަތް ކުރުންމަތީ ދެމި ހުންނާށެވެ."

އެ ފިނި އަދި އަނދިރި ގޭގެ ތެރޭގައި ހުރި އިރު އޭނަގެ ސިކުނޑީގައި އެނބުރެމުން ދަނީ މިކިޔައި ދެވުނު ހާދިޘާއެވެ. މިކަންތައްތަކުގެ މަތިން ހަނދާންވީމާ އޭނަ ކަންތައް ކުރަންވީ ގޮތް ވިސްނިއްޖެއެވެ.

އަބޫޔަޒީދު ހަމެއް ހިފައިގެން ފެންބަލާ ދާން ނުކުމެއްޖެއެވެ. ވަރަށް ދުރުގައި އޮތް ކޯރެއްގެ ކައިރިއަށް ގޮސް ފެން ހިފައިގެން އާދެވުނީ ވަރަށް ގިންއިރުންނެވެ.

ގެއަށް އައިސް ބަލާލިއިރުވެސް މަންމަ އޮތީ ނިދާފައެވެ. އޭނާ މަންމައަށް ހޭލެވިދާނެތީ މަޑުމަޑުން ހަމުން ތަށްޓަކަށް ފެން އަޅައިފިއެވެ. އަދި ފެންތަށި ހިފައިގެން ގޮސް އެނދުގަގެ ކައިރީގައި ހުއްޓި ހުރެއްޖެއެވެ. މަންމަ ހޭލާނޭ ވަގުތެއްގެ އިންތިޒާރުގައެވެ.

މަންމަ ވަރަށް ގިނައިރު ވާންދެން ނިދާފައި އޮތެވެ. ހޭލެވުނު  ވަގުތު ދަރިފުޅު ފެންތަށްޓެއް ހިފައިގެން ކައިރީގައި ހުއްޓާފެނުނެވެ.

މަންމަ ލޯތްބާއެކު ބުނެލިއެވެ. " ދަރިފުޅަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. "

މަންމަ ފެންތަށި ބޯލާފައި ދަރިފުޅަށް ރަޙްމަތް ލެއްވުން އެދި ދުޢާ ދެންނެވިއެވެ.

ރޭގަނޑުގެ ފިނީގައި ނުނިދާ ހޭލާ ހުރުމުގެ ސަބަބުން ދަރިފުޅު ހުރީ ވަރުބަލި ވެފައިކަން މަންމައަށް އެނގުނެވެ. އެކަމާ ވަރަށް ދެރަވެސްވިއެވެ.

މަންމަ ބުންޏެވެ. " ފެން ހަން މިތާނގައި ބަހައްޓާފައި ދަރިފުޅު ނުނިދީ  ކީއްވެހެއްޔެވެ؟ ހޭލައިގެން ފެންތަށްޓެއް އޅާކަށް މަންމައަކަށް އުދަނގުލެއް ނުވީހެވެ. "

އަބޫޔަޒީދު ބުންޏެވެ. " މަންމައަށް ހޭލެއްވޭ އިރު ފެންދޭން އަޅުގަނޑަށް ނުހުރެވިދާނެތީ ބިރުގަތީއެވެ. ފެން ގެނެސްދޭށޭ މަންމަ ބުނުއްވީމެއް ނޫންތޯއެވެ؟ އެހެންވީމާ ހޭލެއްވޭއިރު ފެން ހިފައިގެން އަޅުގަނޑު ހުންނަން ޖެހޭނެއެއް ނޫންތޯއެވެ؟"

މަންމަ އަނެއްކާވެސް ދަރިފުޅުގެ ނިތްކުރީގައި ބޮސްދީފައި ބުނެލިއެވެ. ﷲ ދަރިފުޅަށް ރަޙްމަތް ލައްވާށިއެވެ!"

އެހާ ރަނގަޅު ބަސް އަހާދަރިއެއ ލިބުނީތީ މަންމައިނީ ވަރަށް އުފަލުންނެވެ.

މަންމަ ބުންޏެވެ. "ދަރިފުޅާއެވެ! ދޮރު ކޮޑަކޮށް ހުޅުވާފައި ބަހައްޓާށެވެ! ތާޒާ ވައި ވަންނާނީ އޭރުންނެވެ. "

އަބޫޔަޒީދު އަނެއްކާވެސް މަންމަ ބުނި ގޮތަށް ކަންތައް ކޮށްފިއެވެ. ރޭގަނޑުގެ ބާކީ އޮތް ބައި ވޭތުކުރީ ދޮރު ލެއްޕިދާނެތީ ދޮރާ ދިމާއަށް ބަލަހައްޓައިގެން ހޭލާ އޮވެގެންނެވެ. ފަހަރެއަގައި ދިމާވާ ގޮތަކުން ދޮރު ލެއްޕިދާނެތީ ބިރުންނެވެ.

އެތައް އަހަރެއް ފާއިތުވެގެން ހިނގައްޖެއެވެ. އަބޫޔަޒީދު މުސްކުޅި ވެއްޖެއެވެ. މިދެ ކަންތައް ހިނގައިދިޔަ ރޭގެ ވާހަކަ ކިޔައިދެމުން އަބޫޔަޒީދު ބުންޏެވެ. " ﷲ ގެ ރަޙްމަތަށް އެދި އަހަރެން އަބަދާއި އަބަދު ދުޢާ ކުރަމެވެ. ﷲ ގެ ރަޙްމަތް އަހަރެމެންގެ ގެއަށްވަނީ އެރޭގެ ފަތިސް ވަގުތެވެ. މަންމަ ބުނެގެން ކުޑަކޮށް ހުޅުވާފައި ހުރި ދޮރުންނެވެ. "

އަބޫޔަޒީދު ފަހުން ވެގެން ދިޔައީ ވަރަށްބޮޑު ޢިލްމުވެރިޔަކަށެވެ. ވަރަށް ތަޤްވާވެރި އަޅުވެރިއަކަށެވެ. މިކިޔައި ދެވުނު ވާހަކަ އަބޫޔަޒީދު ވަރަށް ގިނައިން މީހުންނަށް ކިޔާދެއެވެ. އަދި މަންމައަށް ޚިދުމަތް ކުރުމުގެ މުހިންމުކަމުގެ ވާހަކަ ދައކައި ނަޞޭޙަތް ދެއެވެ.

އަބޫޔަޒީދު ބުނެއެވެ. " އަހަރެންގެ ދުޢާއާއި އަޅުކަމުގެ ޒަރީއާއިން ޙާޞިލް ނުކުރެވުނު ނިޢުމަތްތައް އަހަންނަށް ލިބުނީ މަންމައަށް ޚިދުމަތް ކޮށްގެންނެވެ. އަހަރެން ކުރިން ހީކޮށްގެން ހުރީ މަންމައަށް ޚިދުމަތް ކުރުމަކީ އެންމެ ފަހުން ކުރަންޖެހޭ ކަންތައް ކަމަށެވެ. އެއީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައް ކަން އެނގުނީ ފަހުންނެވެ. "

 



Kendhoo Live
Kendhoo Live

This is a short biography of the post author. Maecenas nec odio et ante tincidunt tempus donec vitae sapien ut libero venenatis faucibus nullam quis ante maecenas nec odio et ante tincidunt tempus donec.

No comments:

Post a Comment